Last Updated: May 25, 17:32
Wednesday, May 25, 2022
މުނިފޫހިފިލުވުން

ކަރަން އެކްޝަން ފިލްމެއް ހަދާކަން އިއުލާންކޮށްފި

ލޯބީގެ ފިލްމުތައް ހަދައިގެން ބެލުންތެރިންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް އެކްޝަން ފިލްމެއް ހަދަން ނިންމިކަން އިއުލާންކޮށްފި އެވެ.

މިއަދު ފާހަގަކުރާ އޭނަގެ 50 ވަނަ އުފަން ދުވަހާ ގުޅުވައިގެން އެކަން އިއުލާންކޮށް ބުނީ އެ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީގައި 10 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ލޯބީގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބެލުންތެރިންނަށް ދޫކޮށްލުމަށް ފަހު ކަމަށެވެ.

"އެކްޝަން ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ އެޕްރީލްގައި ފަށާނަން،" 1998 ގެ ކުޗް ކުޗް ހޯތާ ހޭ ޑައިރެކްޝަނަށް ނުކުތް ކަރަން ބުންޏެވެ. "އާންމުކޮށް އަހަރެން ފިލްމުތައް ހަދަނީ ދޭތެރެ ވަރަށް ދުރުކޮށް ކަމަށް ވިޔަސް މި ފަހަރު ނިންމާފައި އޮތީ ރޮކީ އޯރް ރާނީ ގެނެސްދީފައި އާ ފިލްމުގެ މަސައްކަތް ފަށަން. އެހެންވީމަ ފޭނުންގެ ލޯތްބާއި ހެޔޮދުއާ ވެސް ބޭނުން ވާނެ."

މިހާތަނަށް އަދި އެކްޝަން ފިލްމެއް ހަދާފައި ނުވާ ޑައިރެކްޓަރު އެ ޖޯންރާގެ ފިލްމެއް ހަދަން ނިންމި ނަމަވެސް އޭގެ ނަމާއި ކާސްޓް އަދި ހާމައެއްނުކުރެ އެވެ. ކަރަން އެކްޝަން ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ މިދިޔަ އަހަރު އެވެ.

އޭނަ އަންނަ އަހަރު ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އަލަތު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ސްޓައިލްގެ ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ. އަދި ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.

ކަރަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. "ކަބީ ހުޝީ ކަބީ ޣަމް" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އާއި "މައި ނޭމް އިޒް ޚާން" އަދި "ސްޓޫޑެންޓް އޮފް ދި އިޔާ" އަކީ ވެސް އޭނަގެ ޑައިރެކްޝަންތަކެވެ.

ދެހާސް އަށާރައިގައި ކަރަން "ތަޚުތު" ގެ ނަމުގައި ތާރީހީ ފިލްމެއް ވެސް އިއުލާންކުރި އެވެ. އެކަމަކު މުގާލް ރަސްކަމުގެ ދުވަސްވަރުގެ ވާހަކަ ކިޔައިދޭ އެ ފިލްމު ވަނީ އެކި ސަބަބުތަކާ ހެދި ފަސްކޮށްފަ އެވެ. އޭގެ ކާސްޓުންނަކީ ކަރީނާ ކަޕޫރް، ރަންވީރު، އާލިއާ، އަނިލް ކަޕޫރް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް އަދި ބޫމީ ޕިޑްނޭކަރެވެ.