Last Updated: March 30, 10:46
Wednesday, March 30, 2022
ޚަބަރު

ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އައިސްފި: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވީ ޔުނިފޯމުގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިހުސާސްވާން ކަމަށް ރައީސް ވިދާޅުވި އެވެ.

ފުލުހުން އައުމުން ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށް ވެރިވުމަކީ ރައްޔިތުން ބޭނުންވި ކަމަށާއި ފާއިތުވި ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވަރަށް ކެރި ހުރެގެން ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ތަސްވީރުގެ ކުލަ ރީތިވެއްޖެ. މިކަމަށްޓަކާ ޕޮލިސް ކޮމިޝަނަރު ހަމީދަށާއި، ފުލުހުންގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުން ކުރަމުން ގެންދަނީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށާއި އަދި އެއީ ގިނަ ފާޑުކިޔުންތަކާއި ގޮންޖެހުންތަކެއް ވެސް ކުރިމަތި ކުރުވާ ކަމެއް ކަމަށެވެ. އަދި ފުލުހުން ކުރިއަށްދާންވީ އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ، މިއަދަށް ވުރެ މާދަމާ ރަނގަޅު ކުރަން އަޒުމް ކަނޑައަޅައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ފުލުހުންގެ ގާނޫނުން މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ކަށަވަރުކޮށްދޭ ކަމަށާއި އަދި ކުރެވޭ ނުކިއްސަރުކަމަކުން މުޅި މުއައްސަސާ ބަދުނާމުވާ ފަދަ ހާލަތްތަކުގައި އިންސާފާއި މަސްލަހަތު އެއް ތަރާދެއްގައި އަމަލުކުރުމަށް ފުލުހުންގެ ލީޑަޝިޕަށް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.