Last Updated: March 30, 10:46
Wednesday, March 30, 2022
ޚަބަރު

ވާދަވެރިން ހަމައެކަނި ވިއްކަނީ ނަޝީދު ބޭރުކުރާ ވާހަކަ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަވެރި ފަރާތުން ހަމައެކަނި ރައްޔިތުންނަށް ވިއްކާ އެއްޗަކީ އެ ޕާޓީން ރައީސް މުހައްމަދު ނަޝީދު ބޭރުކުރަން އުޅޭ ވާހަކަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ކެމްޕޭނުގައި މިއަދު ގދ.ފިޔޯރީ އަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އޭނާއާ ވާދަވެރި ކެމްޕޭނުން ރައްޔިތުންނަށް ވިއްކަނީ އެ ފަރާތްތަކުން ކޮށްދޭނެ ކަންތައްތަކެއްގެ ވާހަކަތަކެއް ނޫން ކަމަށާއި އެ ފަރާތްތަކުން ހަމައެކަނި ވިއްކަނީ ނަޝީދު ޕާޓީން ބޭރުކުރަން އުޅޭ ވާހަކަ ކަމަށެވެ.

"އެބޭފުޅުން ހަމައެކަނި ވިއްކަނީ އަޅުގަނޑާއި، ރައީސް ސޯލިހާއި ނިކުމެ މި އުޅެނީ ރައީސް ނަޝީދު މި ޕާޓީން ބޭރުކުރަންށޭ. އެހެން ކިޔައިގެން ހަމައެކަނި ދައްކަން އޮތް އެއްޗަކީ" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އޭނާއާ ވާދަވެރި ފަރާތްތަކުގެ ގޮތުގައި މިއަދު ތިބީ ފާއިތުވި 16 އަހަރު ޕާޓި ހިންގަން ތިބި ފަރާތްތައް ކަމަށާއި އާ މީހަކު މިފަހަރު ޓެސްޓުކޮށްލުން ރަނގަޅު ކަމަށެވެ. އެގޮތުން ނަޝީދު ބޭރުކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި ޕާޓީގެ ޗެއާޕާސަނަށް ކުރިމަތިލީ ވެސް ފުރަތަމަ ނަޝީދުގެ އެހީތެރިކަމާއެކު ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ހަމައެކަނި ބޭނުމަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި އެކަން ކުރެވޭނީ ޕާޓީ ހިންގާލައިގެން ކަމަށް ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.