Last Updated: March 30, 10:46
Wednesday, March 30, 2022
މުނިފޫހިފިލުވުން

ރާލިއާގެ ފިލްމު ނިންމަން 4 އަހަރު

ބޮލީވުޑްގެ ދެ ލޯބިވެރިން ކަމަށްވާ ރަންބޯރް ކަޕޫރާއި އާލިއާ ބަޓް (ރާލިއާ) އެކީގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ-ޕާޓް ވަން: ޝިވާ" ގެ ޝޫޓިން ހަތަރު އަހަރު ފަހުން ނިމުމަކަށް އަތުވެއްޖެ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކުރާ ފެންޓަސީ އެޑްވެންޗާ/ސުޕަހީރޯ ފިލްމުގެ ޝޫޓިން ފެށީ 2018 ގައި ބަލްގޭރިއާއިންނެވެ. އޭގެ ފަހުން ފިލްމުގެ މަންޒަރުތަކެއް އެމެެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އިންޑިއާގެ މުމްބާއީގައި ވެސް ކުރިއަށް ގެންދިޔަ އެވެ.

"ބުރައްމަސްތުރާ" ގެ ފަހު ޝެޑިއުލް އިންޑިއާގެ ވަރާނަސީގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ނިންމާލައި، މުޅި ފިލްމުގެ ޝޫޓިން އެއްކޮށް ނިމުނުކަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެކި ފަހަރު މަތިން މަސައްކަތް ލަސްވެ، ރިލީޒްކުރާ ތާރީހު ވެސް ފަސްކުރަމުން އައި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު 9 ގަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އާލިއާ އާއި ރަންބީރް ލޯބީގެ ގޮތުން ގުޅި މިހާރު ކައިވެންޏަށް ވެސް ތައްޔާރު ވަނީ މި ފިލްމުހެ ސެޓުން އުފެދުނު ލޯބީގެ ގުޅުމާ އެކީގައި ކަމެވެ.

އެންމެ ފުރަތަމަ "ބުރައްމަސްތުރާ" ބެލުންތެރިންނަށް ގެނެސްދޭ ގޮތަށް އޮތީ އޮގަސްޓް 15، 2019 ގަ އެވެ. މި ފިލްމަކީ އަޔާން ހަދަން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލި އިރު ދާދި ފަހުން ވަނީ މީގެ މޯޝަން ޕޯސްޓަރުތަކެއް އާލިއާ އާއި ރަންބީރާ އެކީ ވަކިވަކިން ވެސް ގެނެސްދީފަ އެވެ. "ބުރައްމަސްތުރާ" އަކީ އޮކްޓޯބަރު 11، 2017 ގައި އިއުލާންކުރި ފިލްމެކެވެ.

"ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ވޭކަޕް ސިދު" އަށް ފަހު އަޔާން ގެނެސްދޭ ތިން ވަނަ ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ވެސް ހިމެނެ އެވެ.