Last Updated: March 31, 21:17
Thursday, March 31, 2022
މުނިފޫހިފިލުވުން

ސަނީގެ ފިލްމީ މަސައްކަތް މިހާރު މަދެއް ނޫން

ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް އަކީ މިހާރު ފިލްމުތަކުން މާ ގިނައިން ފެންނަ އެކްޓަރެއް ނޫނެވެ. އޭނާ އަންނަނީ 2019 އިން ފެށިެގން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުންނެވެ. އެކަމަކު އެކްޓިންއަކާ ވައްކެއް ނުވެ އެވެ.

މިހާރު ވެސް ސަނީގެ އަތުގައި މަސައްކަތް ފަށާފައި އޮތް ދެ ފިލްމެއް އެބަ އޮތެވެ. އެއީ ޑައިރެކްޓަރު އާރް ބަލްކީގެ ތުރިލާ "ޗުޕް" އާއި "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަނީ މިހާރު އަންނަނީ އިތުރު ފިލްމެއްގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުންނެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި އެ ފިލްމަކީ 2018 ގެ މަލަޔާޅަމް ކްރައިމް ތުރިލާ "ޖޯސެފް" ގެ ހިންދީ ރިމޭކެވެ. އެ ނޫހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޝޫޓްކުރަމުން އަންނަ އަންނަ "ގަދަރު 2" ގެ ޝޫޓިން ނިންމާލައި، އަންނަ މަހުގެ ތެރޭގައި ސަނީ "ޖޯސެފް" ގެ ޝޫޓިން ފަށާނެ އެވެ. މީގެ ޑައިރެކްޓަރަކީ އޮރިޖިނަލް ފިލްމު ވެސް ޑައިރެކްޓްކުރި އެމް ޕަދުމާކުމާރެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ޖޯސެފް" އަކީ ޖޯޖޫ ޖޯޖް ޓައިޓްލް ރޯލު ކުޅުނު ފިލްމެކެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި މަލްވިކާ މޯހަނަން، ދިލީޝް ޕޯތަން، އަތުމިޔާ ރަޖަން އަދި މަދޫރީ ބްރަގާންޒާ ހިމެނެ އެވެ.

އަންނަ މަހުގެ ތެރޭގައި ސަނީ "ޖޯސެފް" ގެ ޝޫޓިން ފަށާ އިރު އާއިލާގެ މެމްބަރުންނާ އެކު އޭނާ ކުޅެން ޖެހޭ ފިލްމެއް ވެސް އެބަ އޮތެވެ. އެއީ ބައްޕަ ދަރުމެންދުރާ އާއި ކޮއްކޮ ބޮބީ ޑިއޯލް އާއި ދަރިފުޅު ކަރަން ޑިއޯލްއާ އެކު ކުޅެން ހަމަޖެހިފައިވާ "އަޕްނޭ 2" އެވެ. މި ފިލްމަކީ 2007 ގެ "އަޕްނޭ" ގެ ސީކްއެލް އެވެ. އޭގެ ޑައިރެކްޓަރަކީ "ގަދަރު" ވެސް ހެދި އަނިލް ޝަރުމާ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަނީ، 65، ގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ބްލޭންކް" އެވެ.