Last Updated: March 30, 07:05
Wednesday, March 30, 2022
މުނިފޫހިފިލުވުން

ބައްޕަ ޕްރޮޑިއުސްކުރާ ފިލްމު އަހާން ބޭނުމެއް ނޫން

ބައްޕަ ސުނިލް ޝެޓީ ޕްރޮޑިއުސްކުރާ ފިލްމުތަކެއްގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ އަމިއްލަ މަސައްކަތުން އެހެން ދިމާތަކުން ލިބޭ ފިލްމުތައް ކުޅެން ކަމަށް މިދިޔަ އަހަރު ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ނުކުތް އުންމީދީ އެކްޓަރު އަހާން ޝެޓީ ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިިއުއެއްގައި 26 އަހަރުގެ އެކްޓަރު ބުނީ ސުނިލްގެ ދަރިއަކަށްވީތީ ވަކި ހާއްސަ ގޮތްތަކެއް ވާން ނުޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ކުރިއަރައިދާން ބޭނުން ވާނީ އަމިއްލަ މަސައްކަތުން ކަމަށް ބުންޏެވެ. އަހާންގެ ފުރަތަމަ ފިލްމަކީ ސުނިލްގެ ވެސް ބައެއް ފިލްމުތައް ޕްރޮޑިއުސްކުރި ގާތް އެކުވެރިޔާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރި ފިލްމެކެވެ.

އަހާން ބުނި ގޮތުގައި މަސައްކަތްކުރަން އެންމެ ރަނގަޅީ އާއިލީ ގުޅުމާއި ޕްރޮފެޝަނަލް ގުޅުމަށް ބުރޫއެރިޔަ ނުދީ ކުރިއަށް ދިއުމެވެ.

"މިސާލަކަށް ބައްޕަ ޕްރޮޑިއުސްކުރާ ފިލްމެއް އަހަރެން ކުޅޭ ކަމަށް ވަންޏާ އޭގެ ޕްރެޝަރު އަހަރެމެން ދެ މީހުންނަށް ވެސް އަންނާނެ. އަދި އަހަރެން ގަބޫލުރަނީ އާއިލާއާ އެކީ ފިލްމީ މަސައްކަތްކުރާ ކަމަށް ވަންޏާ އެމީހެއްގެ ޕްރޮފެޝަނަލިޒަމަށް ވެސް ބުރޫއަރާނެ ކަމަށް،" އަހާން ބުންޏެވެ. "އެހެންވެ އެއްގޮތަކަށް ވެސް ބޭނުމެއް ނޫން އެފަދަ ގޮތަކަށް ކެރިއަރު ބައްޓަންވެގެން ދާކަށް. އަހަރެން ބޭނުން ވަނީ އަމިއްލަ ހުނަރާ އެކީ ފުރުސަތުތައް ހޯދައިގެން ކުރިއަށް ދާން."

ސުނިލް މިހާތަނަށް އަދި ފިލްމެއް ޕްރޮޑިއުސްކޮށްފައެއް ނެތެވެ. އެކަމަކު އެ ބައްޕަ ފިލްމެއް ޕްރޮޑިއުސްކުރަން ނިންމައި އޭގައި ބައިވެރިވާން އެދިއްޖެ ނަމަ އެކަމާ ދޭތެރޭ ފުންކޮށް ވިސްނާނެ ކަމަށް އަހާން ބުންޏެވެ.

"ތަޅަޕް" އަށް ފަހު އަހާން ދެން ކުޅޭނެ ފިލްމަކީ ކޮބައި ކަމެއް ނޭނގެ އެވެ. އޭނަ އިތުރު ފިލްމަކަށް ރަސްމީކޮށް ސޮއިނުކުރި ނަމަވެސް އެކިއެކި ޕްރޮޖެކްޓްތަކަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ.