(ހއ. އިހަވަންދޫ) އެއީ ހއ. އިހަވަންދޫ މީހެއް ނޫނެވެ. ޅ. ހިންނަވަރަށް އުފަން އެ މީހާ އިހަވަންދޫއަށް އައީ އެ ރަށު އައިސް ޕްލާންޓްގެ ވަޒީފާއަކަށެވެ. އައިސް ޕްލާންޓް ހިންގުމުގެ މައިގަނޑު ރޯލު އަދާ ކުރަމުން ދަނިކޮށް، ހަމަ އެ އައިސް ޕްލާންޓްގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނީ ޖޫން 15، 2017 ގައެވެ.
ދެހާސްސަތާރަވަނަ އަހަރު ހިނގި އެ ހާދިސާގެ ހަނދާންތައް އިހަވަންދޫގައި މި އަހަރު ވެސް ފެންނަނީ ވަރަށް ތާޒާކޮށެވެ. "ވަގުތު ހޭރިޔާ" އިން ހއ. އަތޮޅުގެ ރަށްރަށަށް ކުރި ދަތުރުގެ ތެރެއިން އިހަވަންދޫއިން ވަނީ އިސްމާއީލް އުމަރު (އިއްސެ) އާ ގާތް ގުޅުން އޮތް މީހުންނާ ބައްދަލުކޮށް، އިއްސެގެ ވާހަކަތައް އަޑު އަހާލައިފައެވެ.
އިހަވަންދޫގައި ހުންނަ މިފްކޯ އައިސް ޕްލާންޓްގެ މެކޭނިކެއްގެ ގޮތުގައި އުޅުނު އިއްސެ މަރާލި ކަމަށް ތުހުމަތު ކުރަނީ އެ އައިސް ޕްލާންޓްގައި މަސައްކަތް ކުރި ބިދޭސީއަކަށެވެ. ސުމޮން މިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް މިހާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ސުމޮންމިއާގެ އިތުރުން ވެސް ދެ ބިދޭސީއަކަށް މި މައްސަލައިގައި ދައުވާ އުފުލާފައިވެއެވެ. ސުމޮންމިއާއަށް އުފުލީ ގަސްތުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރައިލި ކަމުގެ ކުށުގެ ދައުވާއެވެ. އަނެއް ދެ މީހުންނަށް އުފުލާފައި ވަނީ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ.
ރަހުމު ކުޑަ ގޮތަކަށް އިއްސެ މަރައިލީ ފައިސާތަކެއްގެ މައްސަލައެއްގައި ކަމަށް އަޑު ފެތުރުނެވެ. އިއްސެއަށް އަމާޒުކޮށް ތަފާތު ތުހުމަތުތައް ސުމޮންމިއާ ވެސް އަމާޒުކޮށްފައި ހުއްޓެވެ. އިއްސެގެ ޝަރީއަތުގައި ބައެއް ސިއްރު ހެކިވެރިން އެ ހާދިސާ ދިޔަ ގޮތް ކޮންމެ ވެސް ވަރަކަށް ކިޔައި ވެސް ދީފައިވެއެވެ.
އިހަވަންދޫއިން ދިމާވި އިއްސެ ދަންނަ ވަަރަށް ގާތް ބައެއް މީހުން އެ ވާހަކަތައް އަލުން ކިޔައިދިނެވެ. އިއްސެއާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން އެ ވާހަކަތައް މި މީހުން ކިޔައިދެނީ އިހަށް ދުވަހު ހިނގައިދިޔަ ކަމެއް ގޮތަށް އެހާ ވެސް ތަފްސީލްކޮށެވެ. އެ މީހުން ބުނާ ގޮތުން އިއްސެގެ ވާހަކަ މާ ގިނައިން ނުދައްކައެވެ. އެކަމަކު އިއްސެގެ ހަނދާންތައް އަދިވެސް ވަރަށް ތާޒާއެވެ.
އިއްސެ އޭރު އައިސް ޕްލާންޓްގައި ދިިރިއުޅެމުން ދިޔަ ކޮޓަރިއަށް ވެސް "ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ޒިޔާރަތް ކުރީމެވެ. އޭރުގެ އިއްސެއާ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި އުޅުނު އަދި މިހާރު އެ އައިސް ޕްލާންޓްގައި މަސައްކަތް ކުރަމުންދާ އިހަވަންދޫ ޒުވާނަކާ ބައްދަލުވިއެވެ. އެ ދުވަހު އެ ކޮޓަރި ތެރޭގައި ލޭ ފެނުނު ވަރާއި އެ ދުވަހުގެ މުޅި ހާދިސާ މިހާރު ވެސް އޭނާގެ ހަނދާނުގައި ހުރެއެވެ.
އިއްސެ އާއި ސުމޮންމިއާ އުޅެމުން ދިޔައީ އައިސް ޕްލާންޓްގެ ތެރޭގައި ހުރި އެ ކޮޓަރީގައެވެ. އެއީ އެ މީހުން އެކޮމޮޑޭޝަން ހަމަޖައްސާފައި އޮންނަ ގޮތެވެ. މި ދެ މީހުންނާއެކު، ދެކުނުގެ ރަށަކަށް އުފަން ދިވެއްސަކު ވެސް އޭރު އެ ކޮޓަރީގައި އުޅުނެވެ. އެ ތަނުން ކައްކައިގެން ކައިބޮއި ހަދައި ވެސް މި މީހުން އުޅެއެވެ.
އިއްސެ މަރާލުމަށް ފަހު، އައިސް ޕްލާންޓްގައި ބާއްވާފައި އޮތް ތަން ވެސް އިއްސެއާ ގާތް އެ އެކުވެރިޔާ ދެއްކިއެވެ. ރަހުމުކުޑަ ގޮތަކަށް މަރާލުމަށް ފަހު އިއްސެ ބާއްވާފައި އޮތީ އޭނާގެ ކޮޓަރިން ބޭރުގައެވެ. އެއީ އައިސް ބަންދު ކުރާ ތަކެތި ހުންނަ ދިމާލެވެ. އެ ދުވަހު އިއްސެގެ ހަށިގަނޑު ބާއްވާފައި ެ އޮތީ ދިމާ ހަނި ގޯޅީގަވެ. ފުލުހުންނާއެކު އައިސް ޕްލާންޓް ތެރެއަށް ވަން އެކަކަކީ އިއްސެގެ މި އެކުވެރިޔާއެވެ. އޭނާ މި ވާހަކަތައް ކިޔައިދިނެވެ.
މީގެ ކުރިން ރާއްޖޭގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި އޮތް ގޮތަށް އިހަވަންދޫ ބައެއް މީހުންނާއި އިއްސެއާ ގާތް އޮތް މީހުން ކިޔައިދޭ ގޮތުން ސުމޮންމިއާއާ އިއްސެއާ ދެމެދު ފައިސާގެ މައްސަލައެއް ޖެހުނެވެ. އިއްސެ އާންމުކޮށް ވެސް ސުމޮންމިއާއާ ދިމާއަށް ބަސް ބުނަނީ މަސައްކަތުގެ ވަގުތުތަކުގައި މަސައްކަތަށް ސަމާލު ކަން ނުދޭތީ ފަރުވާ ކުޑަ ކުރާ ކަންކަމުގައެވެ.
އާންމު ގޮތެއްގައި ހެނދުނުގެ ވަގުތުގައި ވެސް އައިސް ޕްލާންޓް ހުޅުވާ އިއްސެ އެ ދުވަހު ހަވީރު ވާން އުޅުމުން ވެސް ހިލަމެއް ނުވި ކަމަށްވެއެވެ. އެއީ ހުކުރު ދުވަސް ކަމަށް ވާތީ އައިސް ޕްލާންޓްގައި މަސައްކަތް ކުރާ އެހެން މީހުން އެ ތަނަށް ދިޔައީ ހުކުރު ނަމާދުގެ ފަހުންނެވެ. އޭރު ވެސް އިއްސެގެ ހިލަމެއް ނެތެވެ. އަސުރު ނަމާދާ ހަމައަށް ވެސް އިއްސެގެ ހިލަމެއް ނުވުމުން ފުލުހުން ގެނެސް އެ ތަން ހުޅުވީއެވެ.
"އަޅުގަނޑުމެން އެ ދޮރު ވެސް ހުޅުވީ ތަޅު ހަލާކުކޮށްލާފައި، ފުލުހުންނާ އެކީގަ، މިހާރު ވެސް އެ ތަޅު އޮތީ އެ ގޮތަށް، ކޮޓަރި ތެރެ ދެން ބެލިއިރު މުޅި ކޮޓަރީގައި ލޭ އޮތް،" އިއްސެގެ އެ އެކުވެރިޔާ ކިޔައިދިނެވެ.
އެ ރަށުގައި އިއްސެ އާންމު ގޮތެއްގައި ކާން ގޮސް އުޅެނީ އިބްރާހީމް އަބްދުލް ޙާޝިމްގެ ގެއިންނެވެ. އުމުރުން 56 އަހަރުގެ ޙާޝިމްއާއި "ވަގުތު ހޭރިޔާ" ގެ ނޫސްވެރިންނަށް ބައްދަލުވިއެވެ. އިއްސެގެ ހަނދާންތައް މިހާރު ވެސް ވަރަށް ތާޒާ ކަން މަތީ އޭނާގެ ހުއްޓެވެ. އޭނާ ކިޔައި ދިން ގޮތުން އިއްސެ ދަންނަން ފެށީ އައިސް ޕްލާންޓަށް ދާ މަސްވެރިންނަށް ރަނގަޅު ޚިދުމަތެއް ދޭން އަބަދުވެސް ހީވާގި ކަމާ އެކު ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
"އޭނާއަކީ ވަރަށް ރަނގަޅު މީހެއް ދޯ، ރޭގަނޑު ދަންވަރު ގުޅާލިޔަސް އައިސް ލިބޭނެ، ހުރިހާ ކަމެއް ކޮށްދޭނެ، އޭނައަށް ކޮށްދެވުނު ވަރަކުން، އެހެން އުޅެމުން ވަރަށް ބޮޑަށް އެކަހެރިވެފަ ހުންނަނީ، ވަރަށް ރައްޓެހި ވާނެ،" ޙާޝިމް ކިޔައިދިނެވެ.
ހާޝިމް ބުނި ގޮތުގައި އިއްސެ އާންމު ގޮތެއްގައި ފުރަތަމަ ކައި އުޅެނީ އައިސް ޕްލާންޓްގައި އޭނަ ވެސް ހުންނަން ހަމަޖައްސާފައި ހުރި ތަނުގައި އަމިއްލައަށް ކައްކައިގެނެވެ. އެކަމަކު އުފެދުނު އެކުވެރިކަމުގެ ތެރެއިން އޭނާ އެދުނީ އެ ގެއަށް ކާން އައުމަށެވެ. އެ ގޮތުން ރޯދަ މަސް ތެރޭގައި ތާރާވީހް ގަޑި އާއި ހާރު ގަޑީގައި ކަނީ އެ ގެއިން ކަމުގައި އޭނާ ބުންޏެވެ.
އިއްސެ މަރުވި ކަން ޙާޝިމަށް ވެސް އެނގުނީ އެ ހުކުރު ދުވަހުގެ މެންދުރުފަހު ވަގުތެއްގައި އައިސް ޕްލާންޓް ކައިރިއަށް މާ ގިނަ މީހުން އެއްވެގެން އުޅޭ ތަން ދެކިގެން ޚަބަރު ބަލާއިރުއެވެ. އެކަމަކު ވަށައިގެން މީހުން ތިބި ވަރުން އެ ތަނަށް ވަދެވޭ ގޮތް ނުވި ކަމުގައި އޭނާ ބުންޏެވެ.
"އައިސް ޕްލާންޓްގެ ތެރެއަށް ނުވަންނަން، ވަށައިގެން ރައްޔިތުންނާއި ފުލުހުން ތިބި ދޯ، އެހެންވެ ވެސް ވަދެވޭ ވަރެއް ނުވޭ،" ވަރަށް މަޑު އަޑަކުން ވާހަކަ ދައްކަމުން ޙާޝިމް ކިޔައިދިނެވެ.
އިއްސެ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ސުމޮންމިއާއާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުން ޙާޝިމް ބުނީ ސުމޮންމިއާއާ މާ ގާތް ގުޅުމެއް ނެތް ކަމަށެވެ. އަދި އިއްސެއަކީ މާ ގިނަ ވާހަކަ ދައްކާ މީހަކަށް ނުވާތީ މައްސަލައެއް ޖެހިގެން އުޅޭ ވާހަކައެއް ވެސް އެއްވެސް އިރެއްގައި ބުނެފައި ނެތް ކަމަށް ޙާޝިމް ބުންޏެވެ.
"ބޮންދާ އެއްވެސް މައްސަލައެއް އޮތް ވާހަކައެއް ވެސް އޭނާ ނުދެއްކާ، އޭނާއަކީ މާ ބޮޑަށް ވާހަކަ އޮންނަ މީހެއް ނޫން، ހަމަ ބުނަން ޖެހޭ އެއްޗެއް ބުނެލާނީ، ވަރަށް ބަސް މަދު، އޯގާތެރި މީހެއް އިއްސެއަކީ،" އިއްސެގެ މިޒާޖު ސިފަކޮށްދެމުން ޙާޝިމް ބުންޏެވެ.
އައިސް ޕްލާންޓްގެ މެނޭޖަރެއްގެ ގޮތުގައި އޭރު ހުރި މުހައްމަދު ރަޝީދު (މޯޑް) ކިޔައި ދިން ގޮތުގައި އިއްސެއަކީ ވަރަށް މަސައްކަތަށް ޒިންމާދާރު މީހެކެވެ. ޑިއުޓީ ކޮންމެ ގަޑިއެއްގައި އޮތަސް ހެނދުނު ހަތެއް ޖަހާއިރަށް އައިސް ޕްލާންޓް ހުޅުވާ މަސައްކަތް ފަށާނެ ކަމަށް މޯޑް ބުންޏެވެ. ސުމޮންމިއާއަށް ވެސް ބަހެއް ބުނަނީ މަސައްކަތް ނުކޮށްގެން ކަމަށް މޯޑް ބުންޏެވެ.
"އިއްސެގެ ހިތްހަމަނުޖެހުން އޮންނާނީ މަސައްކަތުގެ ކަންކަމުގައި، މަސައްކަތް ކުރާ ގަޑީގައި މަސައްކަތަށް ފަރުވާނުދީ އެހެން ކަންކަން ކުރާ އިރު އެއްޗެހި ބުނާނެ ދޯ ތަން ހިންގަން ހަވާލުވެ ހުންނަ، ހިންގާ މީހެއްގެ ހައިސިއްޔަތުން،" މޯޑް ބުންޏެވެ.
މޯޑް ވެސް ބުނީ ދެ މީހުންގެ މެދުގައި ފައިސާގެ މައްސަލަތަކެއް އޮތް ކަމަށެވެ. ބަންގްލަދޭޝްގެ ބައެއް މީހުން ގައުމަށް ފައިސާ ފޮނުވަނީ ސުމޮންމިއާ މެދުވެރިކޮށް ކަމަށާއި އޭނާގެ އަތުގައި އަބަދުވެސް އެތައް ފައިސާއެއް އޮންނަ ކަމަށް އޭނާ ބުންޏެވެ. އިއްސެ ވެސް ރަށަށް އާންމުކޮށް ފައިސާ ނުފޮނުވާ ލިބޭ މުސާރަ ރައްކާ ކުރާ ކަމަށާއި އޭނާގެ އަތުގައި ވެސް ގަނޑުކޮށް ގިނަ އަދަދެއްގެ ފައިސާ ހުންނަ ކަމަށްވެއެވެ. އޭރު މުސާރަ އާންމުކޮށް ދެނީ ގަނޑު ފައިސާއިން ކަމުގައި މޯޑް ބުންޏެވެ.
"އިއްސެ ގިނަ ރުފިޔާ ފޮރުވައިގެން ގެންގުޅޭނީ، އަހަރީ ޗުއްޓީއަށް ވީމަ އޭނަ ދާނީ އެ ފައިސާ ހިފައިގެން، އަޅުގަނޑުމެން އެކައުންޓަކަށް ނޫން ވިއްޔާ އޭރު މުސާރަ ދެނީ، ހަމަ އަތަށް ފައިސާ ދޭނީ، އެ ގޮތަށް 60،000 ރުފިޔާގެ ތެރެއިން މަދުވެފަ ހުރީ، ޕޮލިހުން އައިސް ބެލިއިރު 25،000 ރުފިޔާ ހުރީ ވެސް، ބާކީ 35،000 ރުފިޔާ ނޭނގެ ވީ ގޮތެއް ވެސް،" މޯޑަށް ލަފާ ކުރެވޭ ގޮތެއް ކިޔައިދިނެވެ.
އިއްސެ ފަހުން ފަހުން މާ ގިނައިން ވާހަކަ ނުދެއްކިޔަސް އިއްސެގެ މަތިން ވަރަށް ހަނދާންވާ ކަމަށް މޯޑް ބުންޏެވެ. އިއްސެއަކީ މީހުނަށް ރަނގަޅު އޯގާތެރި މީހެއް ކަމަށް މޯޑް ބުންޏެވެ.
"އައިސް ޕްލާންޓްގަ އުޅޭއިރު ބައެއް ފަހަރު ހީވޭ މޯޑްއަށް ގޮވާ ހެން ވެސް،" އޭނާ ބުންޏެވެ.
މޯޑްއަކީ އިއްސެގެ ޚަބަރެއް ނުވާތީ ޕޮލިހަށް ރިޕޯޓް ކުރިއިރު އައިސް ޕްލާންޓްގައި ހުރި މީހެކެވެ. އާންމުކޮށް ހެނދުނު ހަތެއް ޖަހާއިރަށް އައިސް ޕްލާންޓް ހުޅުވާ އިއްސެ އެ ދުވަހު މެންދުރު ފަސް ވީ އިރު ވެސް އައިސް ޕްލާންޓް ނުހުޅުވާތީ އިއްސެގެ ޚަބަރެއް ހޯދަން އުޅެއުޅެ ހިލަމެއް ނުވުމުން ޕޮލިހަށް ރިޕޯޓް ކުރީ ކަމަށް އޭނާ ބުންޏެވެ.
"އިންޖީނު ރޫމާ ދިމާ ބޭރުގައި ހުންނާނެ ދޮރެއް، އެ ދޮރުން އަހަރުމެން ފުރަތަމަ ވަނީ، އޭރު އެ ތަނުގައި ހުރީ ލޭ ތިކިތަކެއް، ދެން ފުލުހުންނަށް މި ގުޅީ ވެސް، ދެން ފުލުހުންނާ އެކީ އޮފީސް ހުޅުވީ ވެސް، އޮފީސް ތެރޭ ބައިވަރު ލޭ އޮތް، މަސް ކަނޑާފައި ފައިބާފައި ހުންނަ ލެއަށް ވުރެ ގިނަ ވާނެ އެ ތަނުގައި ލޭ ހުރި ވަރު،" މޯޑް ކިޔައިދިނެވެ.
އިއްސެގެ ހަނދާންތައް އަދިވެސް އިހަވަންދޫގައި ނުފިލާ ވަރަށް ތާޒާ ކަން މަތީ އެބަ ހުއްޓެވެ. އެންމެން ހެން އޭނާ ސިފަ ކުރަނީ މަސައްކަތްތެރި، ހީވާގި، ބަސް މަދު، އޯގާތެރި މީހެއްގެ ގޮތުގައެވެ. މި އެންމެން ވެސް އެދެނީ އިއްސެއަށް ވެސް އިންސާފު ލިބުމަށެވެ. އަދި ސުވަރުގޭގެ މަތިވެރި ނިއުމަތް އިއްސެއަށް ލިބުމަށް އެދި ދުއާ ކުރެއެވެ.