ޝަހީދުންގެ ޒިކުރާ އަކީ އަބަދުމެ އައު ކުރަންޖެހޭ ޒިކުރާއެއް ކަމަށް، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވެއްޖެއެވެ.

އަޝްރަފު މިހެން ވިދާޅުވީ، ޝަހީދުންގެ ދުވަހުގެ މުނާޞަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ޝަހީދުންނަނީ މަރުވެފައިވާ ބައެއް ނޫން. އެއީ ދިރިތިބި ބައެއް. އެމީހުންގެ ޒިކުރާ އަބަދުމެ އައު ކުރަންޖެހޭ. އަދި މިފަދަ ދުވަހެއް ފާހަގަކުރާ އިރު އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކެއްވޭ. މިއަދު ހަނގުރާމަ ކުރަނީ ކަނޑި ބަޑި އާއި ލޮންސި އާއި ބޮމަކުން ނޫންކަން.” އަޝްރަފު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަޝްރަފު ވިދާޅުވީ، މިއަދުވެސް ފިކުރީ ގޮތުން ބޮޑެތި ހަނގުރާމަތަކެއް ހިނގާ ކަމަށާއި، އެއީ އަޅުގަނޑުމެންގެ ދީނާ، ޤައުމާއި، އަޤީދާއަށް އަމާޒުކޮށްގެން ހިނގާ ހަނގުރާމަތަކެއް ކަމަށެވެ.

“މި ހަނގުރާމަތައް ހިނގަނީ މާނަވީ ގޮތެއްގަ. މި ހަނގުރާމަ ހިނގަނީ ޖިހާދުކުރުމުގެ ނަމުގައި. މި ފަސްގަނޑުގައި މިފަދަ އެތައް ހަނގުރާމައެއް އެބަ ހިނގާ. މިއަދު މި ހަނގުރާމަތައް ހިނގަނީ އެއްގޮތަކަށްވެސް ހިޖުރީ ގޮތުން 10 ވަނަ ޤަރުނައިގެ ތެރޭގައި ހަނގުރާމަ ހިނގިގޮތަކަށް ނޫން. މިއަދު ހިނގަނީ ފިކުރީ ހަނގުރާމަ އެއް. އެ ހަނގުރާމަތައް އަމާޒުވަނީ އަޅުގަނޑުމެންގެ އަޤީދާ އާއި، އަޅުގަނޑުމެންގެ ފިކުރާއި، އަޅުގަނޑުމެންގެ ދީނާ.” އަޝްރަފު ވިދާޅުވިއެވެ.

ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން މި ޤައުމު ސަލާމަތް ކުރެއްވުމަށް އަލިރަސްގެފާނު ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.